ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިޤްބާލް ފެނިއްޖެއެވެ.

ފުލުހުން ބުނީ އިޤްބާލް ފެނިފައި ވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވާ ކަމަށެވެ.

އިޤްބާލް ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ.

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށް ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަދި އެ މީހާ ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިއްޔެ ފަތިހު ކަނޑަށް ނުކުތްފަހުން ގެއްލިގެން ހޯދަމުން ހޯދަމުންދިޔަައީ ރ.ވާދޫ / ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.

ފުލުހުން ރޭ ބުނީ އޭނާ ގެއްލިފައިވާކަމަށް ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.