ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ވޭމަންޑޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، އެ ރަށުން 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢު ނުހުއްޓި އަވަހަށް ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.