މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓާލަންޖެހޭ ހިސާބަށް ނުދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި ހަނގުރާމައާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފަވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، މި ޙާލަތާ ގުޅިގެން ރާއްޖޭގެ މާލީ ޙާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކުރުމުގެ މަސައްކަތްތައް ވަރަށް ގާތުން ކުރަމުންދާކަމަށެވެ.
އެގޮތުން އެމްއެމްއޭއާއި މާލީ ވުޒާރާއާއި މީރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަދި ކޮންމެ މަސައްކަތެއްވެސް ރާވަމުންދަނީ ރައްޔިތުންނަށް ދަތިތަކުގެ އަސަރު ވީހާވެސް ކުޑަވާނެގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކަށްވެސް އަސަރު ނުކުރާނެކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ބަދަލު އައިނަމަވެސް، މިހާތަނަށް އަސާސީ އެއްވެސް ޚިދުމަތަކަށް އޭގެ އަސަރު ކޮށްފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.