ލ.އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިސްދޫ-ކަލައިދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން 4.39 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. އިސްދޫ-ކަލައިދުއަކީ ގުދުރަތީގޮތުން އެއް ބިމެއްގައި، އާބާދުވެފައިވާ އިދާރީ ވަކި ދެ ރަށެވެ.

މި މަޝްރޫޢަށް 100މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. ދެ ރަށުގެ އާބާދީ 1600އިން މައްޗަށް އަރައެވެ.

މަގުހެދުމުގެ މަޝްރޫޢުގައި ރަށުގެ މައި ބޮޑެތި މަގުތަކާއި، އާއްމު ޚިދުމަތްތައް ހޯދާ އެކި އިދާރާތަކާއި މުއައްސަސާތައް ހިމެނޭ މަގުތަކުގައި ތާރު އަޅާ ތަރައްޤީކުރާނެއެވެ. އަދި ފެން ހިންދާ ނިޒާމުވެސް ޤާއިމުކުރާނެއެވެ.