ރާއްޖެ އާއި އިންޑިއާގެ ގުޅުންތަކަށް އަލި އަޅުއްވާލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިދާޅުވީ 1988 ގައި ކުރިމަތިވި އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާއާއި، މާލެއަށް ކުރިމަތިވި ވޯޓާ ކްރައިސިސް، އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވަގުތުތަކުގައި ވެސް އިންޑިއާއިން މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަޝީދުގެ އެ ޕޯސްޓުގައި ވަނީ މިހާރު ދުނިޔެ މިއޮތް ހާލަތަށް ބަލާއިރު، ތެލުގެ އެހީތެރިކަމަށް ރާއްޖެއިން އިންޑިއާގައި އެދިފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަން ވެސް ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއިން ޒިންމާދާރުކަން ދެއްކުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި، ސަރަހައްދީ ހަމަޖެހުމަށްޓަކައި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނެވޭ އެއްވެސް އިސްލާހަކީ، އަވަސް އަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ބައިވެރިވާ ފުރިހަމަ މަޝްވަރާތަކަކަށްފަހު ކުރެވޭ ކަމަކަށް ވާންޖެހޭކަމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނާލުމަށް ދިވެހި ސަރުކާރަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދުގެ އެކްސް ޕޯސްޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވެފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.