ރ. ވާދޫއިން ޑިންގީއެއްގައި މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ މީހާގެ ފޮޓޯ ހިއްސާކޮށް ފުލުހުން ބުނީ ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުުހުން ބުނީ އެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.