ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށް، އަޅުކަންކުރާ މީހުންނަށް ހުރަސްއަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ބިނާކަމުގައިވާ އަޤްޞާ މިސްކިތައް ވަނުން ހަނިކުރުމަކީ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށާއި މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ދީނީ މުހިންމުކަމަށް އުނިކަން ލިބޭގޮތަށް ގަސްތުގައި ހިންގާ ޢުދުވާނީ އަމަލެއް ކަމަށެވެ.
މި ބަޔާނުގައި، އިސްލާމީ އުންމަތުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާއަށް ކަނޑައެޅިފައިވާ 'ސްޓޭޓަސް ކޯ' ނުވަތަ އޮންނަ އުސޫލުތަކަށް ބޯނުލަނބައި، އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ ދިއުމަށް އިސްރާއީލު ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.
އިސްރާއީލުގެ ސަރުކާރުން މި ރަމަޟާން މަހުގެ 2 ވަނަ ހަފުތާއިން ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެ މަސްޖިދުލްއަޤްޞާއަށް ނުވަދެވޭނެހެން އެ މިސްކިތުގެ ދޮރުތައް ވަނީ ބަންދުކޮށްފައެވެ.