މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެޔޮ ގަންނަން ކުރަންޖެހޭ ހޭދަ އިތުރުވުމުން، އެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މޫސާ ޒަމީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ރާއްޖޭގައި ތެލުގެ އަގު މައްޗަށް ކޮންޓްރޯލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ވަރަށް ގާތުން ރާއްޖޭގެ ރިޒާވުގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ރިޒާވުން ޚަރަދުކުރާއިރު، ތެލުގެ އަގުބޮޑުވުމުން އެކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިޒާވަށް އިތުރު 100 މިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން އެކަމުގައި ބޭރުގެ މާލީ 2 އިދާރާއަކާއި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އިއްޔެ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭން ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް.އެކަމަށް ބޭނުންވާ މިހާރު ދެންނެވި ދެ އެޖެންސީއާއެކު މަޝްވަރާކުރެވިގެން ދެކޮޅުން އެއްބަސްވެގެން މިހާރު ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށްޓަކައި އަޅުގަނޑު އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސިޓީއެއް މިއަދު ފޮނުވާފައި."

މިނިސްޓަރު ޒަމީރު

މީގެ އިތުރުން މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދާނަމަ، ލަފާ ކުރަނީ 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާއި ދެމެދު އާމްދަނީ ދަށްވުމެއް އަންނާނެ ކަމަށް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.