ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެން ނަމަވެސް ތެލުގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މޫސާ ޒަމީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ރާއްޖޭގައި ތެލުގެ އަގު މައްޗަށް އަރައިގެން ދިޔަނުދީ ކޮންޓްރޯލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް މިހާތަނަށް ކުރިމަތިނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި ރާއްޖެއަށް ތެޔޮ ގެންނަ ތާވަލާއި އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާ ކަމަށް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާކަން ފާހަގަ ކުރައްވާ އެ ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު އުފުލިފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ ޖަނަވަރީ މަހު އެސްޓީއޯއަށް އައު ތެޔޮ ބޯޓެއް ގަނެފައިވާ ކަމަށާއި މި ހާލަތަށް ބަލާއިރު އެއީ ކުރެވުނުު ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެއް ބޯޓް މިހާރު ތެޔޮ ބަރުކޮށް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށެވެ.
މިގޮތުން ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އެ ބޯޓް ރާއްޖެ އަންނާނެ ކަމަށާއި އަނެއް ބޯޓް ވެސް ތެޔޮ ބަރުކޮށްގެން ވަރަށް އަަވަހަށް ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.