ކާބޯތަކެތި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ 26 ބާވަތެއްގެ ކާނާގެ ސެކިއުރިޓީއާ ބެހޭގޮތުން މި ސަރުކާރުން މަސައްކަތްތަކެއް ފެއްޓެވިކަން މީގެ ދޮޅު އަހަރެއްހާ ދުވަހުގެ ކުރިން ސަރުކާރުން ހާމަކުރައްވާފައިވާ ކަމަށާއި މިއީ ވަރަށް ރަނގަޅަށް ކުރެވިގެން ދިޔަ ކަމެއް ކަމަށެވެ.

"ހަގީގަތުގައި މިއީ ހަނގުރާމައިގެ ދުވަސްވަރުގެވެސް މާކުރިން ރައީސްގެ މެނިފެސްޓޯގައިވެސް ޖެހިގެން އެ މަސައްކަތް ރާއްޖެއަށް ބޭނުންވާ މުދަލުގެ ޔަގީންކަން މާނައަކީ ކަށަވަރުކަން ރައްޔިތުންނަށް ހޯދައިދެވޭނެ ގޮތްތައް. އޭގެ ތެރޭގައި ދެންމެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވި ގޮތަށް ޕްރޮޕާ ސްޓޮރޭޖެ ގިނަ ދުވަސްތަކަކަށް ރާއްޖޭގެ ކާބޯތަކެތި ރައްކާކުރެވިފައި ހުންނާނެ އިންތިޒާމު ހަމަޖެއްސުންމި މުޅި ރާއްޖެ އިންކްލޫސިިވްކޮށް ބައިވެރިކުރުމަށްޓަކައި ދާދިފަހުން ކެބިނެޓުން ނިންމަވައިގެން "އެންކާ" ގެ ނަމުގައި މި ޓޯޓަލް ޝިޕިން އަދި ލޮޖިސްޓިކް ހިމެނޭގޮތަށް ނެޓްވޯކެއް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅުން ގާއިމުކުރެވި އެ މަސައްކަތް މިހާރު ތަންފީޒުކުރެވެމުން މި ދަނީ. އޭގެ ތެރޭގައި މައި ޝިޕިންލައިންތަކާއި އެ ހުރިހާ ބައެއް ހިމެނޭގޮތަށް. އެއީ މުދާ އުފުލުމުގައި. އެއީ ކޮންމެ މޫސުމެއްގައިވެސް މުދާ އުފުލުމުގެ ކަށަވަރުކަން ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ބޭނުންވާތީ. ދެން ޕްރައިވެޓް ސެކްޓަރާއެކުގައި ލޮޖިސްޓިކްސްގެ އެހެނިހެން މަސައްކަތްތައްވެސް މިހާރު އެބަ ކުރެވެމުންދޭ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ 26 ބާވަތްވެސް އެއްވެސް މާކެޓަކުން ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދައްޗެއް މިހާތަނަށް ދިމާވެފައިނުވާ ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ މުދާ ލިބެންހުރި މާކެޓުތަކާއެއްކޮށް ގުޅުން ގާއިމްކުުރުމުގެ މަސައްކަތްވެސް ދުރާލާ ކުރެވެމުންދާ ކަމަށެވެ.