އިންތިހާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަން އެކަމަކަށް ގެއްލޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ޝިހާބު މިހެން ވިދާޅުވީ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި ރައްޔިތުންގެ މަޖިލީހުގެ މިހާރު މި ހިނގާ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށް ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މީޑިއާއާއި، ވާހަކަދައްކަވަމުންނެވެ.
ޝިހާބު ވިދާޅުވީ އިންތިހާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަން އެކަމަކަށް ގެއްލޭނެ ކަމެއް ކަމަށާއި، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގެ ނަތީޖާތަކުން މިކަން ހާމަވާ ކަމަށެވެ.
އެގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންނަށްވުރެ މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދު ކަމަށާއި މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންނަށްވުރެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުކަން ހިސާބުތަކުން އެނގެން އެބަހުރިކަމަށް ޝިހާބް ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ ކޮންމެ އިންތިހާބަކީވެސް މުހިންމު އިންތިހާބަކަށްވާއިރު އޭގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށެވެ. އެހެންވެ، އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާން ނުކުންނަ ރައްޔިތުންގެ އަދަދު އިތުރުވެ، އެ ނިންމުންތަކުގައި ބަސް ބުނާ ރައްޔިތުންގެ އަދަދު އިތުރުވާނެކަމަށް ވިދާޅުވިއެވެ.
ޝިހާބު މިހެން ވިދާޅުވެފައިވާއިރު އެކި އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކަމާގުޅުންހުރި އެކި އިދާރާތަކުގެވެސް ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރުމަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައްވެސް އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އިންތިހާބުތައް އެއް ދުވަހަކު ބޭއްވި ނަމަވެސް އޭގެ ސަބަބުން ރައްޔިތުންގެ ހައްގު ނުގެއްލޭނެ ކަމަށާއި މިނިވަންކަމާއި ނުފޫޒުން އެއްކިބާވެތިބެ ވޯޓުލުމުގެ ހިއްގު އަބަދުވެސް ރައްޔިތުންނަށް ލިބޭނެކަމަށްވެސް ޝިހާބު ވިދާޅުވިއެވެ.