އަންނަ މަހު 3 ކަމެއްގައި ރައްޔިތުންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މި އިންތިޚާބުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ މާލެ ސަރަހައްދުގައެވެ.
ޖުމްލަ 588 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 180 ވޯޓު ފޮއްޓާއި ވިލިމާލޭގައި 9 ވޯޓު ފޮއްޓާއި ހުޅުމާލެ ޖަލުގައި ބަހައްޓާ ވޯޓުފޮށި ހިމެނޭހެން ހުޅުމާލޭގައި 51 ވޯޓު ފޮއްޓެވެ.
މިފަހަރުގެ އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 21 ރިސޯޓާއި 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާނީ އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓަން ނިންމާފައިވާއިރު ރ.އަތޮޅުގައި 25 ފޮށި އަދި ހއ.އަތޮޅުގައި 23 ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިޚާބު ކުރެވިގެންދާނެއެވެ.
އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މަޖިލީހުގެ ހިނގަމުންދާ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.
އެހެންކަމުން ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ވޯޓުފޮއްޓާއި ވޯޓުލާންޖެހޭ މަރުކަޒުގެ މައުލޫމާތު ކުރިއާލައި ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ. ވޯޓުލާންޖެހޭ ވޯޓުފޮއްޓާއި ފޮށި ބަހައްޓާފައިވާ މަރުކަޒުގެ މައުލޫމާތު VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ.