ކުޅުދުއްފުށީގައި ހުއްޓިފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަލުން ފެށުމަށް ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ) އެމަސައްކަތް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއެވެ.
އެޗްޑީސީން ބުނީ ހދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ.
ކުޅުދުއްފުށީގައި ފެށި 400 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫއަށް 443.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށީ 2024ވަނަ އަހަރުގެ މޭ މަހުއެވެ. އެއީ 11 ފަންގިފިލާގެ 5 ޓަވަރުގެ މަސައްކަތެވެ. އެ މަޝްރޫއުގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އެގޮތުން މުޅި މަޝްރޫއުގައި ނިންމާފައި އޮތީ %18 މަސައްކަތެވެ.
2023ވަނަ އަހަރު އޭރުގެ ސަރުކާރުން އެއްބަސްވުން ހެދީ، 2024ވަނަ އަހަރުގެ ނޮވެންބަރަށް މަސައްކަތް ނިންމުމަށެވެ.
އެމަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.
2025ވަނަ އަހަރު ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ އެ މަސައްކަތަށް ސަރުކާރުން މޮބިލައިޒް ފައިސާ ދޫކުރިކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރ ފަހުން މަސައްކަތް ކުރިއަށް ނުގެންގޮސް ހުޓަލާފައިވާކަމަށާއި، އެހެންކަމުން އިތުރު ކޮންޓްރެކްޓަރެއް ހޯދަމުންދާކަމަށް ވަޒީރު އޭރު ވިދާޅުވިއެވެ.
އެ މަސައްކަތާއެކު މިހާރު މިވަނީ އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
މި ޔުނިޓްގެ އިތުރުން، ކުޅުދުއްފުށީގައި އިތުރު 2000 ހައުސިން އިމާރާތްކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.