މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ސްކީމްގެ ދަށުން ހާއްސަ އިސްކަންދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކޮށް، ފުލެޓަށް އެދި ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުން ވަނީ މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރަން ނިންމާ، ކުރިމަތިލާން ހުޅުވާލާފައެވެ. އޭގެ ތެރެއިން 100 ފުލެޓު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ތެރެއިން، ގެޒެޓްކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައި، އެ ކެޓަގަރީގެ ޝަރުތުތަކާއި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، ޕޮއިންޓު ދިނުމުގެ އުސޫލާއި، ހައުސިން ޔުނިޓު ކަނޑައަޅާ ގޮތްތައް ހިމަނައި، އެ އުސޫލުގެ ދަށުން ފްލެޓަށް އެދެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މި މަހު 24 ވަނަ ދުވަހުން ފެށިގެންނެވެ. މުއްދަތު ހަމަވާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކެޓަގަރީއަށް ވެސް ފޯމު ހުށަހަޅާނީ " ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.