ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން އަންނަ ހޮނިހިރު ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސް އިން އެކްސް ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 14 ވާ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި މިމަހުގެ 15, 16 އަދި 18 ވަނަ ދުވަހުވެސް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ބުނެއެވެ.

އެގޮތުން މިމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ ކަމަށާއި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެ ކަން ފާހަގަކޮށް މި ދެދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފައިވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫގެ އިތުރުން ގޮދަން ފުށް އަދި އާޓާ ފުށެވެ. ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސައެވެ. އެގޮތުން މިފަހަރުވެސް ފުރަތަމަ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައި، އެއަށްފަހު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފާރާތްތަކަށް އެ އިންތިޒާމް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15 ގައި ޒަކާތް ލިބުނު އަހަރެވެ.

1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓާ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.