ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމަށް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިއްހީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އާމިނަތު އިސްމާއީލް ވިދާޅުވީ، މި މަސައްކަތަކީ، ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން އެކަމަށް ފައިސާ ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.

ގުރައިދޫ މަރުކަޒުގެ އިމާރާތަށް 50 އަހަރުވެފައިވާއިރު، އެތަންތަން ވަރަށް ހާލުގައި ހުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ސަރުކާރު އައުމަށްފަހު ފުރަތަމަ ހަމަޖައްސަން ޖެހުނީ، އެތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން އެމީހުންނަށް ބޭނުންވާ އެނދާއި، ކާބޯތަކެތީގެ އިންތިޒާމްތައް ރަނގަޅު ކުރުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށް އާމިނަތު އިސްމާއީލް ވިދާޅުވިއެވެ.

ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ ވިދާޅުވީ، އެ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާނެ ކަމަށާއި އެ އިމާރާތް ހާއްސަކޮށްފައިވަނީ އެތަނުގައި ތިބި މީހުންގެ އެކޮމަޑޭޝަން އިމާރާތެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެތަނުގައި 4 ފަންގިފިލާގެ އެކަމަޑޭޝަން ބްލޮކެއް ތަރައްގީކުރުން ކަމަށް އިސްމާއީލް އަބްދުﷲ ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުން ނުކުންނަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމުގެ ކުރިން، އެމުޖުތަމައެއްގައި ހިމެނޭ މުއައްސަސާތަކާއި، އެމީހެއްގެ އާއިލާއަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދީ އެމީހަކަށް ފަހި ވެއްޓެއް ގާއިމުކުރުމެވެ.

ބޭހާއެކު ނުކުންނަ މީހުންގެ ތެރެއިން ވަޒީފާއަށް ދާން އެދޭ ފަރާތްތަކަށް މަރުކަޒުގެ އެހީގައި އެ ފުރުސަތު ފަހިކޮށްދީ، އަބުރުވެރި ދިރިއުޅުމެއް ހޯދޭނެ މަގު ކަށަވަރު ކުރުމެވެ. މިއާއެކު އެމީހަކީ، ފަރުވާއަށްފަހު އާއިލާއަށް ބުރައަކަށްވުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ކުރެވޭނެ މީހެއްގެ ގޮތުގައި އާއިލާތަކަށްވެސް ގަބޫލުކުރެވޭނެ މަގުފަހިކޮށްދިނުމަކީ މަރުކަޒުން މިހާރު ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމެކެވެ.

ނިމިދިޔަ 2025 އަހަރުގެ ނިޔަލަށް 23 މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އޭގެތެރެއިން އެއްވެސް މީހަކު އަނބުރާ މަރުކަޒަށް ގެންދަން ނުޖެހޭކަން ސިއްހީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް މިހާ އަދަދަކަށް މީހުން އާއިލާތަކުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގާއިމްކޮށްފައިވަނީ، މީގެ 50 އަހަރު ކުރިން 1976 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުގައެވެ. މިވީ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ އިމާރާތްތަކަށް އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު މިވަނީ، އެތަނަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ.