ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާޙު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތަޢާރަފްކޮށްފިއެވެ.
އައްޑޫސިޓީ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙުކޮށްފައިވަނީ ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ސްވައިޕް ތައާރަފް ކޮށްފައިމިވަނީ އައްޑޫ ސިޓީއަށެވެ. މި ޚިދުމަތް އައްޑޫސިޓީއަށް ތައާރަފްކޮށްފައިވާއިރު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
މި ޑިޖިޓަލްވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލްއެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓ،ް ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުން ކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއްވައެވެ.