ބީއެމްއެލް އިންޓަނޭޝަނަލް ވޮލެޓް ސްވައިޕް އަކީ ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް މުހިންމުކަން ބޮޑު އެއްޗެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އިންޓަނޭޝަނަލް ވޮލެޓް ސްވައިޕް އައްޑޫސިޓީއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ޕްލޭންތަކަށް ސްވައިޕަކީ މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ސްވައިޕް ތަރައްގީ ކޮށްފައިވާ، އައްޑޫގެ ރައްޔިތަކަށް ވުމަކީ ލިބޭ ފަހުރެއް ކަމަށާއި، ދުނިޔޭގެ ނިސްބަތުން ބަލާއިރު މި ވޮލެޓަކީ އެންމެ ވަރުގަދަ ޕޭމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭނެ ވޮލެޓެއް ކަމަށެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ސްވައިޕް އެންމެ ފުރަތަމަ ތައާރަފްކުރާ އަތޮޅަކަށް އައްޑޫ ސިޓީ ވުމަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އުފަލެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އައްޑޫ ސިޓީގެ އިގްތިސާދު ބަދަލުކުރުމަށް ސްވައިޕް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
އެގޮތުން މި ޑިޖިޓަލް ވޮލެޓަކީ ކޮންމެ އާންމު ރައްޔިތަކަށްވެސް އަދި ވަކިން ހާއްސަކޮށް ވިޔަފާރިތަކަށް ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
ފައިސާގެ ކަށަވަރުކަން އޮތުމަކީ، މިފަދަ ނިޒާމަކުން ޕޭމަންޓް ހެދޭއިރު ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމެއް ކަމަށާއި ވަގުތުން ވަގުތަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފައިސާ ފޮނުވޭނެ އިންތިޒާމަކީ ޑިޖިޓަލް މޯލްޑިވްސްއަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޑިޖިޓަލް ވޮލެޓްގެ ސަބަބުން މިހާރު ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަދަ ނިޒާމެއްގައި އެންމެން ބައިވެރިވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ، މި ނިޒާމް ބޭނުންކުރުމަށް އެންމެހައި ދިވެހިންނަށް ގޮވާލާފައެވެ.
ސްވައިޕަކީ، ދިވެހީން އުފައްދައި ތަރައްގީ ކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި، މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.