ބޭހުގެ ކަންކަމާ ބެހޭ ހާއްސަ ކުންފުޏެއް އުަފައްދާ މިހާރު އެ ކުންފުނީގެ މަސައްކަތްތައް ފަށާފައިވާކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރަށް ރަށަށް ބޭސް ފޯރުކޮށްދިނުމުގައި ހާއްސަ އިސް ކަމެއް ދިނުމަށް ބޭހުގެ ކަންކަމާ ބެހޭ ހާއްސަ ކުންފުޏެއް އުަފައްދާފައި ވާކަމަށާއި އެ ކުންފުނިން ރާއްޖެއަށް ބޭސް އެތެރެ ކުރަން ފަށާފައިވާކަމަށެވެ.

އެ ކުންފުނިން ވަރަށް އަވަހަށް ކުންފުނީގެ ޑިވަލޮޕްމެންޓްސް އާއި ބެހޭ އިތުރު މައުލޫމާތު ހާމަކުރާނެ ކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެމަނިކުފާނު ވަރަށް ގާތުން އެކުންފުނީގެ މަސައްކަތްތަށް ބަލަމުންދާކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ހާއްސަ ކުންފުޏެއް ހެދުުމުން ބޭސް ލިބުމުގައި ދިމާވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.

"ހާއްސަ ކުންފުޏެއް މިހެން ހެދުމުގެ ނަތީޖާއަކަށް ވެގެންދާނީ މުޅި މި ނިޒާމުގައި ހުރި މައްސަލަތަށް ދނެގަނެ، މި ކަމަށް ޓަކައި ފޯކަސް ކޮށްގެން މަސައްކަތް ކުރާނެ ބަޔަކު ތިބުން"

ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް

މީގެ އިތުރުން ބޭހަކީ އަސާސީ ހިދުމަތެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ހިދުމަތް ރަނގަޅުކުރުމަށް ހާއްސަ ކުންފުޏެއް މުހިއްމު ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ބަޔަކު ހާއްސަ ކުންފުޏެއް ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކިގެން އެކަން ނިންމަވައިގެން އެތަނަށް މުވައްޒަފުން ލެވިގެން، މަސައްކަތް ފެށިގެން، ތަރުތީބު ކުރެވިގެން މި ދަނީ"

ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް

ނާޒިމް ވިދާޅުވީ އެކަމުގެ ލުއިތައް މިހާރުވެސް ފެންނަން ފަށާފައިވާކަމަށެވެ.