އައްޑޫ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވަސްޓޭޝަންގެ މަސައްކަތާއެކުއެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ނަޖާހް ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ނަޖާހް ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ގާއިމްކުރާ ސެންޓްރަލް ޕަވަސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ، އެ މަސައްކަތަށް، ގާބިލު ތަޖުރިބާކާރު ކުންފުންޏެއްކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވާ ނަޖާހް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

މީގެއިތުރުން، އައްޑޫ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވަސްޓޭޝަންގެ މަސައްކަތާއެކުއެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ނަޖާހް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން މިހާރުވެސް ދުބާއީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދާ ކަން ނަޖާހް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް މި ހަވާލުކުރީ ދުބާއީ ކުންފުންޏަކާ. މި ކުންފުންޏަކީ މިހާރުވެސް ދުބާއީގެ 28 މެގަވޯޓާއި، 18 މެގަވޯޓާއި ދެމެދުގެ ދެ ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކުންފުންޏެއް. އެބޭފުޅުންގެ އެކްސްޕީރިއެންސް އެބަހުރި. އަޅުގަނޑުމެން އައްޑޫއަށް މި ގެންނަނީ ދާއިމީ ހައްލެއް"

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް

އައްޑޫގައި ގާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން ގާއިމްކުރުމަށް ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކުރީ މިމަހުގެ 7ވަނަ ދުވަހުއެވެ. ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެ ކުންފުންޏާ އައްޑޫގެ ސެންޓްރަލް ޕަވަރހައުސްއެއް ގާއިމްކުރުމަށް ހަވާލުކުރީ، މީގެކުރިން އެ މަސައްކަތް ހަވާލުކުރި ޗައިނާގެ ޑޮންފަން ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަޝްރޫއު ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލުކުރުމަށްފަހުއެވެ.