ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
މިއަދު މޫމިނާ މާލަމް ގައި ބޭއްވި ޖަލްސާއެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ އަށެވެ.
އެގޮތުން މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފްއެވެ.
ސޮއިކުރެއްވިއިރު އަރިހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާ، ފަރުހަތު މުހައްމަދު އަދި ހޮސްޕިޓަލް ސީއީއޯ ނާޒިމާ އަލީ ހުންނެވިއެވެ.
މި މަޝްރޫއުގެ ސްކޯޕް ގައި 2 ފޭސް އެއް ހިމެނެއެވެ. އެގޮތުން ފޭސް 1 ގައި ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު، ސީއެސްއެސްޑީ އަދި މިނޫންވެސް ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރުން، އަދި ފޭސް 2 ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްކުރުން ހިމެނެއެވެ.
މީގެ އިތުރުން އއ. ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކަން ޕްރައިވެޓް ލިމިޓެޑް އަށެވެ.
އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމް އެވެ. އަދި ލައިކަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައިމަން އެވެ. އަދި މި އެއްބަސް ވުމުގެ ސްކޯޕް ގައި އޮފީސް، ޕަބްލިކް ހެލްތު ޔުނިޓް، ލެބޯޓްރީ، މީޓިންގ ހޯލް، ލޯންޑްރީ، މެޑިކަލް އަދި ޖެނެރަލް ސްޓޯސް ހިމެނެއެވެ.