ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖު ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭހެއް، ވަޅިން ބިރު ދައްކައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު ފޭރުގަތް މައްސަލައިގައި ދެ ދުވަހެއްގެ މަތިން ދައުވާ ކޮށްފައިވާ ކަމަށެވެ. ފުރަތަމަ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. ބާކީ މައްސަލަތައް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.

ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. ދައުވާކުރަން ފޮނުވާފައިވަނީ؛

ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.

2. ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ.

3. ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ގެ 35 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.

ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.

2. ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި،

ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި،

މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި،

ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްއާއި،

ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

މި ދަޢުވާތައް ކޮށްފައިވާނީ 27 އޮކްޓޯބަރ 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، -/4,900 ޔޫރޯއާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާއާއި، -/25,000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީއެވެ.

މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.