ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖެއަށް މިއަދު ހޯދައިދެއްވި އެންމެ ބޮޑު ތަރައްގީއަކީ ގައުމުގައި އޮތް ހަމަޖެހުން ކަމަށް މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކޮންގްރެސް ޕާޓީގެ ހުޅުމާލެ މެދު ދާއިރާ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ އިންތިހާބަށް 20 ދުވަހާއި ގާތަށް ގޮސްފައިވާއިރު ފެންނަނީ ކާމިޔާބުގެ މަންޒަރު ކަމަށެވެ. އަދި ފެންނަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދައިދީ އިންތިހާބު ކާމިޔާބު ކުރުމަށް ރައްޔިތުން ގަދައަޅައި ކުރާ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްލަކޮށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބުތަކާމެދު ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަމުންދާ ތަރައްގީއާއި ހަމަޖެހުމާއި ހިތްހަމަޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަން ކަމަށެޗެ. މި ރަމަޟާން މަހުވެސް ރައްޔިތުންގެ ހިދުމަތުގައި ރައީސް 18 ގަޑިއިރު މަސައްކަތްކުރައްވަމުންދާ ކަމަށް ރިފާއު ވިދާޅުވިއެވެ.
މި ލޯކަލް ކައުންސިލު އިންތިހާބުގައި ކުރިން އެހެންވެސް އެއްވެސް ވެރިޔަކު މިފަދަ އިންތިހާބެއްގެ ކެމްޕެއިނުގައި މަސައްކަތްނުކުރައްވާ މިންވަރަށް ރައީސް މަސައްކަތްކުރައްވާކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ ކޮންގްރެސްގެ ކެންޑިޑޭޓުން ހޮވަންވީ ރައީސް ކުރައްވާ ވަތަނީ ގައުމީ މަސައްކަތްޕުޅުގައި އެމަނިކުފާނަށް އެއްބާރުލުންދީ އެހީތެރިވާނެ ޓީމެއް ހޮވުމަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 4 ވަނަ ދުވަހު އެވެ. މި އިންތިހާބަށް ޕީއެންސީން އަންނަނީ ކެމްޕޭން ކުރަމުންނެވެ. އެގޮތުން ދޮރުންދޮރަށް ހިނގުމާއި ޖަގަހަ ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ.