ނިމިދިޔަ ފެބްރުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ދައުލަތަށް މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ ޖުމްލަ 11,853,554 (އެގާރަ މިލިއަން އަށް ލައްކަ ފަންސާސްތިން ހާސް ފައްސަތޭކަ ފަންސާސް ހަތަރު) ރުފިޔާ އެވެ.
މީރާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 11.8 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. އެގޮތުން އޭގެ ކުރީ މަހު މި ބައިން ދައުލަތަށް ލިބިފައިވަނީ 5,939,935 (ފަސް މިލިއަން ނުވަ ލައްކަ ތިރީސްނުވަ ހާސް ނުވަސަތޭކަ ތިރީސް ފަސް) ރުފިޔާއެވެ. މިއީ 99.5 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު މިހާރު ވަނީ 17,909,069 (ސަތާރަ މިލިއަން ނުވަ ލައްކަ ނުވަ ހާސް ފަސްދޮޅަސް ނުވަ) ރުފިޔާއަށް އަރާފަ އެވެ.
ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާ އެވެ. މީގެ ކުރިން މި އަދަދު ހުރީ 11,191.95 ރުފިޔާގަ އެވެ.
ރާއްޖޭގެ ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގުތައް ކަނޑައަޅައި އާންމުކުރަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ ފަސޭހަ އިންތިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ.
ކޮންމެ މީހަކު ވެސް އެމީހެއްގެ މުދަލުން ޒަކާތް ދައްކަން ޖެހޭ މިންވަރު އަމިއްލައަށް ބަލާލުމުގެ ފުރުސަތު މީރާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ފަހިކޮށްދީފައިވާކަމަށާއި، ޒަކާތަކީ އިސްލާމްދީނުގެ މުހިންމު ރުކުނަކަށް ވާތީ، ނިސާބު ހަމަވާ ކޮންމެ މީހަކު ވެސް ޒަކާތް ދެއްކުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.