ދައުލަތުގެ ރަސްމީ ރިޒާވުގައި ފެބުރުވަރީ މަހުގެ ނިޔަލަށް 1.27 ބިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރު ފެށިގެންއައިސް ރަސްމީ ރިޒާވް ވަނީ އެއް ބިލިޔަން ރުފިޔާ ހުރަސްކޮށްފައެވެ. އެގޮތުން ޖަނަވަރީ މަހު 1.03 ބިލިޔަން ޑޮލަރު ރަސްމީ ރިޒާވުގައި ހުރިއިރު، މިއީ %23 ގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 މިލިޔަން ޑޮލަރުގައެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިންމާލިއުރު، 337 މިލިޔަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު އައިސްފައިވާ ކުރިއެރުމެއްކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 301.4 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ %11.8 ގެ ކުރިއެރުމެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން، މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެންބަރާ ހަމައަށް މަރުކަޒީ ބޭންކަށް 492 މިލިޔަން ޑޮލަރު މާރުކޮށްފައިވާކަން ހާމަކޮށްފައެވެ.