ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ އާންމު ވޯޓުގައި، ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން ( އީސީ) އިން އާންމުކޮށްފިއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.
އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓް އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.
މި ލިސްޓަކީ ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން ލިބުނު ޝަކުވާތަކުގެ އަލީގައި ލިސްޓަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހު އާއްމުކޮށްފައިވާ ދާއިމީ ލިސްޓުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މި އިންތިހާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.