ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ޕާޓީ އިން ބުނެފިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ފާސްކޮށް، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން އެމްޑިއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި، ގައުމުގެ ސުލްހަމަސަލަސްކަމުގެ އިތުރުން ރައްޔިތުންނަށްވެސް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެގޮތުން އެ ޕާޓީގެ ރައީސް ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިގްތިސާދީ ހާލަތްތަކުން އަރައިގަތުމަށް އަބަދުވެސް ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުގައި އެ ޕާޓީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އިއުތިރާފްވާކަން ހާމަކޮށް އެ ޕާޓީ އިން ބުނީ އެ ނިންމުމަށް މަރުހަބާ ކިޔާކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެ ޕާޓީ އިން ވަނީ ގޮވާލާފައެވެ. މިކަމަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައިވެސް އެމްޑީއޭއިން ވަނީ ބުނެފައެވެ.
މި ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއްބަސްވަމުންދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. މިކަމާ ދެކޮޅު ހަދާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އިދިކޮޅުން ފާހަގަ ކުރަމުންދަނީ އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނެއެވެ.