ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފި އެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ވުޒާރާގެ ދަނޑުވެރިންގެ ދަފްތަރުގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީ ކޮށްފައިވެއެވެ. ނަމަވެސް ދަނޑުވެރިކަން ކުރިއެރުވުމަށް 2019 އިން ފެށިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނު މިހާތަނަށް ދޫކޮށްފައިވަނީ 54 ފަރާތަކަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބަައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 54 ފަރާތަކަށް 20,301,517 ( ވިހި މިލިއަން ތިން ލައްކަ އެއް ހާސް ފަސްސަތޭކަ ސަތާރަ) ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށެވެ. އަދި މީގެތެރޭގައި 5 ކުންފުނި، 44 ފިރިހެން އަދި 05 އަންހެން ބޭފުޅުން ހިމެނެއެވެ.
އެ ވުޒާރާއިން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އދ. އަރިއަދޫގައި ރުއް އާލާ ކުރުމަށް މައި މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ، އެރަށް އެވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން އަރިއަދޫގެ ތިމާވެށީގެ އެސެސްމަންޓް އަދި ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތްތައް ނިމި މިރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮޮތަށް އިންވެސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
"ދަނޑުވެރި ނަފާ" ލޯނަކީ، އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލި ލޯނެކެވެ.