ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ޕީއެންސީއަށް އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައްޔިތުންނާ ހަމައަށް ނުގޮސް ނިންމައިލެވެން އޮތް ކަމެއް ނަމަވެސް ތެދުވެރިވީމާ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ ރައްޔިތުންގެ އަރިހަށް ވަޑައިގެން، ރައްޔިތުންނަށް ފެންނަ ގޮތެއް ބެއްލެވުމަށް ކަމަށް ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަަލް ކޮންގްރެސް ޕާޓީގެ ފަރާތުން ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަަ ނުފެންނަަ ވޯޓެއް ނަގާތީ އެކަމުގެ ހަގީގަތް އޮޅުވައިލާ، ރާއްޖެ ބަދުނާމުކުރުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައެއް ބޭފުޅުން ހިއްސާކުރައްވާ ވާހަކަފުޅުތަކާ ގުޅިގެން ރާއްޖެ ބަދުނާމުވާނެހެން އެކިއެކި ދޮގުތައް ހަދައިގެން ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކާ ގައުމުތަކަށް ފޮނުވަމުންދާ މީހުންނަކީ ހަމަ ދިވެހިން ދަރިންތޯ ހިތްޕުޅުގައި ސުވާލު އުފެދޭ ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަދި މިއަދުގެ ސަރުކާރުގެ ވަޒީރުން އަދި މަޖިލީހުގެ މެންބަރުން ގައުމު ބަދުނާމުވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަަން އޮންނަ ކަމަށާއި، އެއީ އެ ހުރިހާ ބޭފުޅުންނަކީ އެފަދަ ކަމެއް ކުރައްވާވަރަށްވުރެ ގައުމީ ބޭފުޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިފަދަ ވާހަކަތައް ފަތުރަމުންދިޔަ ނަމަވެސް ރައީސް ޑރ.މުޢިއްޒުގެ ވަރުގަދަ ހާރިޖީ ސިޔާސަތުގެ ތެރެއިން ކަންކަަމުގެ ހަގީގަތް ގައުމުތަކާއި ޖަމްއިއްޔާތަކަށް ބުނެދެވި އޮޅުންފިލުވައިދެވުމުން އެހުރިހާ ވާހަކައެއް ނަފީވެގެންދާ ކަމަށެވެ. އަދި އިސްރާއީލު ފިޔަވައި ކޮންމެ ގައުމަކުން ރާއްޖެއާއެކު މަސައްކަތްކުރާނަމަ އެ ގައުމުތަކާއެކު އެކުވެރި ގުޅުން ރާއްޖެއިން ބާއްވަވަން ރައީސް ނިންމަވާފައިވާ ސިޔާސަތު ދުނިޔެއިން ބަލައިގަަނެފައިވާ ކަމަށެވެ.
މިއަދުގެ ސަރުކާރަކީ ބިނާކުރުމުގެ ސަރުކާރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުގައި ގައުމު ދަރުވައިލި ގޮތަށް ގައުމު ދަރުވައިލާނޭ ސަރުކާރުތަކަކަށް ފުރުސަތު ދިނުމަށް މިއަދު ދިވެހި ރައްޔިތުންވެސް ބޭނުންނުވާނެ ކަމަށެވެ.