އދ.ދިގުރަށުގައި ޒަމާނީ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު އދ. ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި މަޝްރޫއެއް ކުރިއަށްގެންދާ ކަމަށެވެ.
މިގޮތުން ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ތެރެއިން، އަލަށް ގާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރެވެމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯ އިން ބުނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭވީއޭގެ އަޕްސްޓްރީމް ކެޕޭސިޓީ ގާއިމުކުރުމާއެކު، ރަށުގައި އައު ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްގެންގޮސްފަވާކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެން ކަމުން މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްދެވޭނެކަން ސްޓެލްކޯއިން ގަބޫލުކުރެއެވެ.
ދިގުރަށަކީ ގާތްގަނޑަކަށް 600 މީހުންގެ އާބަދީއެއް އޮންނަ ރަށެކެވެ. އެރަށަކީ ގުދުރަތީ ރީތިކަން ލިބިފަވާ އަދި ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.