ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑަރ ވޭން ޑަރ ބެލެން އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ސަފީރު ޑރ.ސަލްމާ އަކީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ އިތުރުން ސްވިސް ކޮންފެޑެރޭޝަން އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ސަލްމާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އޮސްޓްރިއާގެ ފެޑެރަލް ރައީސަށާއި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި އެކަމަނާ ވަނީ ރާއްޖެއާއި އޮސްޓްރިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ނަޒަރުހިންގަވައި، އިގުތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ގައުމުގެ ރައްޔިތުން ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން، ދެގައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެކަމަނާ ވަނީ އަރުވާފައެވެ.
ވިއެނާއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ހާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި އޮސްޓްރިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.