ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ 12 މެންބަރުން ސަރުކާރު ޖަވާބުދާރީކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ހުށަހެޅޭ ހުރިހާ ކަމަކަށް އެ ބޭފުޅުން ދެކޮޅުހައްދަވަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މި ފަދައިން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، އެ އިންތިހާބާއެކު ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާމެދު ހޭލުންތެރިކަން އުފެއްދުމަށް ޕީއެންސީން ކުރިއަށްގެންދާ "ދިވެހިންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޝުޖާ ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށްވުރެ ބޮޑަށް ކޮންގްރެސް ޕާޓީގެ މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތް ކުރައްވާ ކަމަށެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ގަބޫލުކުރައްވައި، އެކަންކަން ތަންފީޒުކުރުމަށް ޖާގައާއި ފުރުސަތު ދެއްވާ ބޭފުޅަކު ވެރިކަމުގައި ހުންނަވާއިރު، އެ ބޭފުޅެއްގެ އަމިއްލަ ޕާޓީއަށްވެސް ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ދެއްވާނެއެވެ.

ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ ހަފުތާއެއްހައި ދުވަސް ފާއިތުނުވަނީސް އެމަނިކުފާނު މަގާމުން އަޒުލުކުރުމުގެ މަސައްކަތް އެމްޑީޕީއަށް 19 ވަނަ މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ފެށި ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ދިނުމަށް އެމްޑީޕީން އިންކާރުކޮށް، ރައީސްގެ ބަޖެޓަށް ހުށަހެޅުއްވި މުހިއްމު ކަންކަން ބަޖެޓުގައި ހިމަނައިދިނުމާ ދެކޮޅުހެދި ކަމަށެވެ.

"އެއީ ޑިމޮކްރެޓިކް ނިޒާމަށް ލޯބިކުރައްވާ ވެރިޔަކު ހުންނަވާ ކަމުގައިވަންޏާ ނުރަނގަޅު ކަމެއް ހިނގަންޏާ އެމަނިކުފާނުގެ އަމިއްލަ ޕާޓީންވެސް ސަރުކާރު އެކައުންޓަބަލް ކުރުވާނޭ. އެކަމަކު އެމްޑީޕީން އެކަން އެބަފެނޭތޯ؟ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަމެއްކަމަށްވަންޏާ އޮންނާނީ ދެކޮޅުހަދާފައި 20 ވަނަ މަޖިލީހުގައި.،" ޝުޖާ ވިދާޅުވިއެވެ.

މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިދިިކޮޅުގައި ތިއްބެވިއިރު ދައުލަތުގެ ބަޖެޓުތަކަށް ވޯޓުދެއްވައި، އެއިރުގެ ސަރުކާރަށް ވަޒީރުންނަށް ރުހުންދެއްވިކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެކަމުންވެސް ސާފުވަނީ، މިއަދު ވެރިކަމުގައި އޮތް ފިކުރާއި އެމްޑީޕީގެ ފިކުރުގެ މެދުގައި އޮތް ތަފާތުގެ ބޮޑުކަން ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، މިހާތަނަށް އައިއިރު މި ސަރުކާރުން ހުށަަހެޅި އެއްވެސް ބަޖެޓަކަށް އެމްޑީޕީން ވޯޓު ދީފައިނުވާކަމަށެވެ. އަދި މިކަންކަން ފާހަގަކުރައްވައި ޝުޖާއު ވަނީ، މިއީ ރައްޔިތުންގެ ފަޅީގައި އޮވެގެން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މަސައްކަތްކުރާނެ ގޮތްތޯ ސުވާލު އުފައްދާފައެވެ.