ސަލްޓަން ޕާކު އީދު ދުވަހު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، މިއަހަރުގެ ބޮޑުއީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފައިވާކަމަށާއި، އެހެން ކަމުން އީދު ހަވީރުގެ ހަރަކާތްތައް ސަލްޓަން ޕާކްގައި ވެސް ކުރިޔަށްދާނެ ކަމަށެވެ.

ސަލްޓަން ޕާކު ހުޅުވުމުގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "އީދު ހަވީރު" ގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު މި ހަރަކާތްތައް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށެވެ.

ކުރިން ސުނާމީ ބިނާ އަދި ސަލްޓަންޕާކް ހުޅުވުން އީދު ފަހަށް ތާވަލުކުރެވިފައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވަނީ ސަލްޓަން ޕާކް އަދި ސުނާމީ ބިނާގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި ސުނާމީ ބިނާ ބަންދުކޮށް ޒަމާނީ ފެނަވަރުގައި ތަރައްޤީކުރުމަށް މަސައްކަތްތައް ފެށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.