އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާތައް ފެށުނީ ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކާއެކުއެވެ. ހަމަލާތައް ކުރިޔަށްދާތާ މިއަދަށް 11 ވަނަ ދުވަސްވެގެންދިޔައިރު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެ ބަޔާނުގައި ވަނީ، ގަލްފް ސަރަހައްދުގެ އެއަރޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށްވާތީ، ދިވެހިރާއްޖެއިން އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށެވެ.

އަދި ގަލްފްގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާކަމަށް ވެސް އެ ވުޒާރާގެ ބަޔާނުގައި ވެއެވެ.

ހާރިޖީ ވުޒާރާއިން ބުނީ، އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، ދިވެހި ސަރުކާރުން އެކަމާ މެދު ނުހަނު ކަންބޮޑުވާކަމަށާއި، މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން ފާހަގަކޮށް އެ ވުޒާރާއިން ވަނީ، މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ވަނީ، މި ސަރަހައްދަށް ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.