ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް ދުންފުހުގެ އަސަރު ވަރަށްބޮޑަށް ކުރާނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ނަމަވެސް ތިންވަނަ ދުވަހު ވައި ސާފުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މިހަފުތާގެ މިދިޔަ ދުވަސްތަކާ އަޅާ ބަލާއިރު މިއަދު ރާއްޖޭގެ އެކި ސަރަޙައްދަށް ވަރަށް ބޮޑަށް ވައި ނުސާފު ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި، ހުރިހާ ހިސާބަކަށް ވެސް މިވަގުތު ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 68 އަށްވުރެ މަތީގައެވެ. އަދި މާލޭގެ ވައިގެ ކޮލިޓީ 113ގައި ހުރި އިރު ވިލިމާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 157 ގައެވެ.