ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރު ފެށިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މި މަހާއި އަންނަ މަހަކީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށާއި އާންމު ގޮތެއްގައި ހުންނަ ވަރަށްވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުޞަތު އަންނަ މަހު އެބައޮތް ކަމަށެވެ.

އެގޮތުން މި ދުވަސްވަރު ވައި މަޑުވުމާއި، ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިޙްސާސްކުރެވޭ ހޫނުމިން މަތިވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދުވަހުގެ ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށެވެ.

އެ އިދާރާއިން މިއަދު މެންދުރު އާންމުކުރި މޫސުމާބެހޭ މައުލޫމާތުތަކަށް ބަލާއިރު، މިއަދު މެންދުރު އެންމެބޮޑަށް އަވިގަދަވެގެން ދިޔަ ގަޑީގައި އިހްސާސްކުރެވޭ ފިނިހޫނުމިން އެންމެ މަތީގައި ހުރީ މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުގެ އިހްސާސްކުރެވޭ ފިނިހޫނުމިން 35.9 ޑިގްރީ ސެލްސިއަސްއަށް ލަފާކޮށްފައިވާއިރު، ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ.

މީގެ އިތުރުން ދެން ހޫނުމިން އެންމެ މައްޗަށްދާނޭކަމަށް ލަފާކޮށްފައިވަނީ، ހދ.ހަނިމާދޫ، ލ.ކައްދޫ، ގދ.ކާޑެއްދޫ އަދި އައްޑޫސިޓީއަށެވެ.

ހޫނުގަދަ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބުއިމަށާއި ކުޑަކުދިން ބޭރަށް ނުގެންދިއުމަށާއި، ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އެދެއެވެ.

މިގޮތުން ބޭރަށްދާއިރު ކުޑަ އާއި އަވިއައިނު ބޭނުންކުރުމާއި ސަން ލޯޝަން ބޭނުންކުރަން ލަފާދެއެވެ.