މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް އޭނާއަށް އަނިޔާކޮށް 30،000 ރުފިޔާ ފޭރުނު މީހަކު، ޖަލަށްލާން ހުކުމްކޮށް، 28،600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހެނދުނު އެވެ. ދައުލަތުން އެ މައްސަލަ ޝަރިއަތަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހެވެ. އަދި މި މައްސަލަ ނިންމާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ވ. ބޮލިހުރާ، ޙުސައިން ޔޫނުސް ފަޞީޙް، ވަނީ އިތުރު ބަޔަކާއެކު މީހަކު، ގެސްޓްހައުސްއަކަށް ގެންގޮސް އެ މީހާއަށް އަނިޔާކޮށް، އެ މީހާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ނަގާފައެވެ.

މި ހާދިސާއާ ގުޅިގެން ޙުސައިން ޔޫނުސް ފަޞީޙްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފޭރުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ.

އެގޮތުން ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގައި އޮތީ ޙުސައިން ޔޫނުސް ފަޞީޙް، ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމާއެކު 28،600 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ.

މި މައްސަލައިގެ ތަހުގީގާއި ޝަރިއަތުގެ މުއްދަތުގައި ޙުސައިން ޔޫނުސް ފަޞީޙް، ޖުމްލަ ހަތަރު މަހާއި 26 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ މި މައްސަލައިގައި އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމެއްނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އޭނާގެ ހުކުމުގައި ދެން ބާކީ އޮތީ ހަމަ އެކަނި، 12 މަސް ދުވަހުގެ ތެރޭގައި 28،600 ރުފިޔާގެ ޖޫރިމަނާ ދެއްކުމަށެވެ.