މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސް ދިނުމުގެ އިންތިޒާމް ޑީޖޭއޭއިން ވަނީ ހަމަޖައްސާފައެވެ.
ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށް ޑީޖޭއޭ އިން ބުނެފައި ވެއެވެ.
އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ހާމަކުރެއެވެ.
ޑީޖޭއޭއިން ވިދާޅުވީ ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެހެންކަމުން މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދިނުމަށް ޑީޖޭއޭ އިން ވަނީ އެދިވަޑައިގެންފައެވެ.
އަދި ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މި ނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށްވެސް ވަނީ ޑީޖޭއޭ އިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެ ވަގުތަކު ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭ އިން ހާމަކުރެެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 20ވަނަ ދުވަހެވެ.