ސޯޝަލް މީޑިއާގައި ޚާއްސަކޮށް ފޭސް ބުކުގައި ބަލި މީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ވަނީ ސްކޭމްތަކަށް ހޭލުންތެރިވުމަށް އެދި ކޮށްފައިވާ ޕޯސްޓާއެކު މީހަކު ހިންގާ ސްކޭމެއްގެ ސްކްރީންޝޮޓުތަކެއްވެސް ހިއްސާކޮށްފައެވެ.

އެ ފޮޓޯތަކާއި މެސެޖުތައް ހިއްސާކޮށް ފުލުުހުން ބުނީ މި ފަހަކަށް އައިސް ފޭސްބުކްގައި، ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެކަމަކު އޭގެ ތެރޭގައި ހިމެނޭ ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ެެއެގޮތުން އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށާއި ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް، މަކަރުން ފައިސާ ހޯދާ މީހުން މަސައްކަތްކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ފޯން ކޯލްތައް ބްލޮކްކުރުމަކީ ވެސް ސްކޭމަރުންގެ އުކުޅެއް ކަމަށާއި ޕޯސްޓުގައިވާ ނަމްބަރަށް ގުޅުމުން ފޯނު ނުނެގިޔަސް މެސެޖު ކުރުމުން އެ މީހުން ޖަވާބުދޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެކަމުން ރައްކާތެރިވުމުގެ ފައިސާ ފޮނުވުމުގެ ކުރިން އެމީހުންނަށް ގުޅައި ވާހަކަ ދައްކައި ޔަގީންކުރަން ފުލުހުން އެދިފައިވެ އެވެ.

އަދި އެ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކުރުމުގެ ގޮތުން ރިސާޗު ކުރުމަށާއި އެކަން ކުރުމަށް ގޫގުލް ރިވާސް އިމޭޖް ސާޗް ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެންޓި ސްކޭމް ސެންޓަރުން ވަނީ އެފަދަ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވެސް އެދިފަ އެވެ. މިގޮތުން ޔަގީންނުވާ ޕޯސްޓުތައް ޝެއާކުރުމަކީ އެ މަޅީގައި އެހެން މީހުން ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި ކުށްވެރިންނަށް ފައިސާ ދެވެން މެދުވެރިވާ ސަބަބެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.