ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިފާއީ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެގޮތުން އެ ފުރުޞަތު ހުޅުވާލާފައިވަނީ އޭޕްރީލް 5 ވަނަ ދުވަހާހަމައަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް applyfor.mns@defence.gov.mv އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ދިވެހި ޒުވާނުންނަށެވެ.
ދިފާއީ ވުޒާރާއިން ބުނީ އުމުރުން 18 އަހަރު ނުފުރޭ ކުދިން، އެ ޚިދުމަތުގައި ބައިވެރިކުރެވޭނީ، އެ ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައިވާނަމަ ކަމަށެވެ.
ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގަައި ތިންވަނަ ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ ފަހު ހަފްތާގައެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ.
ދިފާއީ ވުޒާރާއިން ބުނީ އެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެ ކަމަށެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނެއެވެ.
މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެއެވެ.
ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.