ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ފުލުހުންގެ ހިދުމަތުން ބުނީ އެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ.

ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެކެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއުއެވެ.

ދެވަނަ އެއްބަސްވުމަކީ ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެކެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ.

ފުލުހުން ބުނީ މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެއް ކަމަށެވެ.