ޑްރަގާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރިނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގާފައިވާ ކަމަށާއި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން އެ ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.