އަތޮޅުތެރޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ 14 ރަށަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓަންސް މެނުއަލް ވަނީ އެ ރަށްތަކާއި ހަވާލުކޮށްފައެވެ.

އަދި އެ ރަސްމިއްޔާތުގައި ވަނީ އެންބިއުލާންސްތަކާއި ވެހިކަލްތަކުގެ މަރާމާތުކުރުމާއި ސާރވިސް ކުރުމުގެ ފަހުމުނާމައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު ސޮއި ކޮށްފައެވެ.

އެމްބިއުލާންސް ހަވާލުކޮށްފައިވާ ރަށްތައް:

ހދ. ނެއްލައިދޫ ސިއްހީ މަރުކަޒ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒު

ށ. މަރޮށި ސިއްހީ މަރުކަޒު

ރ. ވާދޫ ސިއްހީ މަރުކަޒު

ރ. ފައިނު ސިއްހީ މަރުކަޒު

ޅ. ހިންނަވަރު ސިއްހީ މަރުކަޒު

ކ. ތުލުސްދޫ ސިއްހީ މަރުކަޒު

ކ. މާފުށީ ހޮސްޕިޓަލް

އދ. މާމިގިލި ސިއްހީ މަރުކަޒު

ފ. ފީއަލި ސިއްހީ މަރުކަޒު

މ. ރަތްމަންދޫ ސިއްހީ މަރުކަޒު

ތ. ވިލުފުށީ ސިއްހީ މަރުކަޒު

ލ. ދަނބިދޫ ސިއްހީ މަރުކަޒު

ސ. މަރަދޫ ސިއްހީ މަރުކަޒު

އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމް ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފޭރާން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށާއި އިމާރާތުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހާލަތު އޮތީ ނިކަމެތި ހާލަތެއްގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް ސަރުކާރު ފެށިގެން އައި އިރު އެންމެ ބޮޑަށް އެންބިއުލާންސް ބޭނުންވެފައިވާ ރަށްރަށުގެ ތެރެއިން 56 ރަށަކަށް އެންބިއުލާންސް ވަނީ ފޯރުކޮށްދީފައި ކަމަށެވެ.

އަދި މިހާރު އިތުރު 14 ރަށަކަށް އެންބިއުލާންސް ހަވާލުކުރެވުނީ ކަމަށާއި އަދި އިތުރު ރަށްރަށައް އެންބިއުލާންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ގާސިމް ވިދާޅުވިއެވެ.