ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ވާހަކައަކީ މިއަދު އަލަށް ދައްކަން ފެށި ވާހަކައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނުއަސާސީ އިސްލާހުކޮށް އެކުލަވާލިއިރުވެސް ގެންގުޅުނު އަސްލު ތަސައްވަރު ކަމަށާއި، ދުނިޔޭގެ ބޮޑެތި ޑިމޮކްރެސީތަކުގައިވެސް މިއަދު އަމަލުކުރަމުންދާ އުސޫލަކީ އެއީ ކަމަށެވެ.
ހާއްސަ މަޖިލީހުގައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި މެންބަރެއްގެ ހައިސިއްޔަތުން ނާޒިމް ފާހަގަކުރެއްވީ، އެ ދުވަސްވަރުވެސް ވޯޓުތައް ތަރުތީބުކުރާނެ ގޮތާމެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނު ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅި، އެކަމަށް އޭރު ތާއީދުވެސް ލިބިފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ނާޒިމް ވިދާޅުވީ ދެ އިންތިހާބު ބާއްވާ ތާރީހުތައް ފަރަގުވެގެން ދިޔައީ ގާނޫނުއަސާސީ ފަރުމާކުރި މީހުންގެ ވިސްނުން އެގޮތަށް ހުރެގެންނެއް ނޫން ކަމަށާއި އޭގެ ބަދަލުގައި، އޭރު އާ ގާނޫނުއަސާސީ ތަސްދީގުކުރުމާއެކު އުފަންވި މިނިވަން މުއައްސަސާތަކާއި، އިންތިހާބީ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ގިނަ ވަގުތުތަކެއް ހޭދަވުމުގެ ސަބަބުން ތާރީހުތައް ފުށުއެރީކަމަށެވެ.
އިދިކޮޅު އެމްޑީޕީން މިކަމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީން މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަން އޮޅުވައިލުމަށް ކަމަށާއި ދެ އިންތިހާބު "އެއްކޮށްލަނީ" އޭ ބުނެ އެމްޑީޕީން ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ބޭނުމަކީ ދެ އިންތިހާބުވެސް ވަކިވަކި އިންތިހާބެއްގެ ގޮތުގައި އެއް ދުވަހެއްގައި ބޭއްވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަވުމުގެ އިތުރުން، މަޖިލިސް އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ ނިސްބަތުން ބެލިޔަސް، އިންޑޮނޭޝިއާ ފަދަ ބޮޑެތި އިސްލާމީ ގައުމުތަކާއި، ތުރުކީގެ އިތުރުން މެކްސިކޯ އާއި އުރުގުއޭ ފަދަ ގައުމުތަކުގައިވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަނީ އެއް ދުވަހެއްގައިކަން ފާހަގަކުރައްވާ، އަވަށްޓެރި ސީޝެލްސްއިންވެސް 2020 ވަނަ އަހަރު މި ބަދަލު ގެނެސް، ކާމިޔާބުކަމާއެކު އިންތިހާބުތައް ބާއްވާފައިވާކަން އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވިއެވެ.
އިދިކޮޅުން ކިތަންމެ ބިރެއް ދެއްކިޔަސް، ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަމަށްވާތީ، އެކަމުގައި ލަދުގަންނަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަަދި މި ސަރުކާރުން ރައްޔިތުންގެ އަޑުއެހުމުގައި ލަދު ނުގަންނާނެކަމަށާއި، ނިންމުންތައް ނިންމާނީ ރައްޔިތުންގެ ބައވެރިވުމާއެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނާޒިމް ވިދާޅުވީ، މި ސަރުކާރުން މަޖިލިސް މެންބަރުން "ގަތުމާއި ވިއްކުމުގެ" ވިޔަފާރި ހުއްޓުވައި، އެންޓި-ޑިފެކްޝަން ގާނޫނުގެ ތެރެއިން ސިޔާސީ ހަމަޖެހުން ގާއިމުކޮށްފައިވާކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ވޭޕް މަނާކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ނާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް އަންހެން ކެންޑޭޓުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ގައުމުގެ ކުރިމަގަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.