ރޯދައިގެ ފަހުން ރ. އަލިފުށި އެއާޕޯޓުގެ ސްޓްރަކްޗާގެ މަސައްކަތް އަލުން ފަށަން ރާވާފައިވާ ކަމަށް އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޯދައިގެ ފަހުން އެއާޕޯޓުގެ ސްޓްރަކްޗާގެ މަސައްކަތް އަލުން ފަށަން ރާވާފައި ވާކަމަށާއި އޮމާންކަމާ އެކު ކުރިއަށް ދަންޏާ ރޯދަ ނިމުމުގެ ކުރިން ވެސް މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަލިފުށީގައި އެއާޕޯޓު އަޅަން ހިއްކި ބިމުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖައްސާފައިވާ ކަމަށް އެ ރަށުގައި އެއާޕޯޓު އަޅަން ބިން ހިއްކުމާއެކު މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން ބުނެފައިވެ އެވެ.
އެގޮތުން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެ އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން، މިިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވީ ވެރިކަން ބަދަލުވިއިރު ހިއްކަން ހަމަޖެއްސި ބިމުގެ 15 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ބިން ހިއްކުމުގެ 15 އިންސައްތަ އެމްޓީސީސީން އޭރު ނިންމިއިރު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 1، 2021 ގަ އެވެ. އަދި އިމްރާން ވިދާޅުވީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ވެސް އެއް ވެސް ކަމެއް ނުކުރާތީ އެތަނުގެ ބޮޑު ބައެއް ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް އެ ކައުންސިލުން ވަނީ ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާކަމަށް އޭނާ މައުލޫމާތުދެއެވެ.
އެއާޕޯޓުގެ މަސައްކަތަށް ގެނައި ސާމާނުތައް ވެސް، ތިން ބުރެއްގެ މަތިން އެ ރަށުން ގެންގޮސްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން، އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެއާޕޯޓުގެ ސްޓްރަކްޗާއަށް ބޭނުންވާ ފިނިޝިން ސާމާނު މިހާރު ވެސް ހުރީ އެ ސައިޓުގައި ކަމަށެވެ. އަދި ކުރިން މަޑުކޮށްގެން ތިބީ ރޫފިން ޝިންގަލްސް ލިބޭނެ ދުވަހަކަށް ކަމަށާއި އެ ތަކެތި މިހާރު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.