މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ހިމެނޭ އީއައިއޭ ހަދަން ޖެހޭ އަދި ހަދަން ނުޖެހޭ މަޝްރޫއުތަކުގެ ލިސްޓު ރިވިއުކޮށް، އިސްލާހު ގެނެސް މާޗް 6 ވީ ހުކުރު ދުވަހު އާންމުކޮށްފަ އެވެ.

އެގޮތުން، އީއައިއޭ ހަދަން ކުރިން އެ ގަވާއިދުގައި މަޖުބޫރު ކޮށްފައިވާ މަގު ހެދުމުގެ މަޝްރޫއުތަކާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ދެން އީއައިއޭ ހަދާކަށް ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އަދި އީއައިއޭ ނުހަދާ ކުރިއަށް ގެންދެވޭނެ 25 ބާވަތެއްގެ މަޝްރޫއުތައް ނުވަތަ މަސައްކަތްތައް އެ ލިސްޓުގައިވެ އެވެ.

އީއައިއޭ ނުހަދާ ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކަށް ބަލާލާއިރު، ތަރުކާރީ އާއި މޭވާ އަޅާ ގަސްގަހާގެހި ނުވަތަ ވެށި ފެހިކުރުމަށާއި ޒީނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރާ ގަސްގަހާގެހީގެ ތެރެއިން ރާއްޖެ އަށް އެތެރެކުރުން ހުއްދަ ގަސްގަހާގެހި، އަމިއްލަ ގެދޮރާއި ދައުލަތުގެ އިމާރާތްތަކާއި އޮފީސް އޮފީހާއި އާންމު ހިދުމަތްދޭ ތަންތަނުގައި ހެއްދުން، އާންމު ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން، ރާއްޖެއަށް އެތެރެކުރުން ހުއްދަ މަސްމަހާމެހި، ނައަމްސޫފި، ކުކުޅު، ދޫނި، އަމިއްލަ ގެދޮރުގައި ގެންގުޅުން، ދުވާލަކު ފަސް ޓަނަށް ވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ ފެން ޕްލާންޓް ހައުސްއެއްގައި އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅައި ލޮނުފެން މީރު ފެނަށް ހަދާ ޕްލާންޓް ބެހެއްޓުން.300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުމާއި، ލަކުޑިން އޮޑިދޯނިފަހަރު ބަނުމާއި، ކަމާގުޅޭ އިދާރާއިން ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންނުކޮށް ވެލިނެގުން.އެންކޮށި ބެހެއްޓުން އަދި ފަޅުތެރެއިން ސަރަހައްދެއް މެޝިނަރީ ބޭނުންކޮށްގެން ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ މަސައްކަތްކުރުން ވެސް ހިމެނެއެވެ.

ހަމަމިއާއެކު ގަސް ބެލެހެއްޓުމުގެ ގޮތުން ނުވަތަ އާންމު އުނދަގުލަކަށް މަގުފަހިވެފައި ވާތީ (ދިޔަދޮވި، ފުރާޅު އަދި ފެންތާންގިއަށް ފަތްކުނި އެޅޭ) ގަސްގަހާގެހި ކޮށުން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ނެގުން.ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނުވާ ރަށްރަށުގައި މޫދަށް ހޮޅި އަޅައިގެން ނަޖިހާއި ނަޖިސްފެން ބޭރުކުރުން، ރަށް ގިރުމުގެ ސަބަބުން ގޯތިގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން، ރުއްގަސް ނުކަނޑައި އެއްގަމުގައި ވަގުތީ ޖިފުޓި (ހަޓު) ހެދުން، މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ތެރެއިން 5,000 އަކަފޫޓަށް ވުރެ ކުދި، ފޯދިފައިވާ ރުއްގަސް ނެތް ބިންތަކުގައި ދަނޑުވެރިކަން ކުރުން.އަސްލަށް ބަދަލު ނާންނާނެ ގޮތަށް އެއްގަމު ތޮށްޓާއި ބޭރުތޮށްޓާއި ފާލަން މަރާމާތުކުރުމުގެ އިތުރުން އޮއި ދެމޭގޮތަށް އަޅާ ފާލަންތަކާއި ޕްލެޓްފޯމްތައް އެޅުން، އިމާރާތްކޮށް ނިމިފައިވާ ތަންތަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން، ބިންހިއްކުމާއި ރުއްގަސް ކެނޑުން ފަދަ ތިމާވެއްޓަށް އަސަރުކުރާ ކަންކަން ނުހިމެނޭ ގޮތަށް ޖަހާ ޓަވަރާއި އެންޓަނާ ފަދަ ތަކެތި ޖެހުން ހިމެނެ އެވެ.

މީގެ އިތުރުންވެސް އީއައިއޭ އެޕްރޫވް ކުރުމަށް ފަހު މޫދަށް އަޅައިފައިވާ ހޮޅި މަރާމާތުކުރުމާއި، ކުއްލި ހާލަތެއް ދިމާވުމުން ފަރުދުންގެ ފުރާނަ އާއި ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ޓަކައި ވަގުތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކާއި، ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރުން އަދި މަގު ހެދުމުގެ މަޝްރޫއުތަކާއި ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ އަލަށް ތަރައްގީކުރާއިރު، އެތަނުގައި ފުރަތަމަ ގާއިމުކުރަން ޖެހޭ ގުދަނާއި އެކޮމޮޑޭޝަން ބްލޮކާއި ކޮމިއުނިކޭޝަން ޓަވަރު އެޅުން ވެސް އެ ލިސްޓުގައިވެއެވެ.

ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސްކުރުމުގެ ބޭނުމުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް މިދިޔަ އަހަރު ވެސް އިސްލާހު ގެނެސްފައިވެ އެވެ.

މިދިޔަ އަހަރު ވެސް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސްކުރުމުގެ ބޭނުމުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވެއެވެ.

އެގޮތުން މިދިޔަ އަހަރު އެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ތިމާވެއްޓާ މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށާއި، ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.

އީއައިއޭގެ ގަވާއިދަށް އިސްލާހު ގެނައުމުގެ އިތުރުން ސަރުކާރުން މިދިޔަ އަހަރު ވަނީ އީޕީއޭގެ ނަން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.