ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ކޮމަންވެލްތު އަބަދުވެސް ދެމިއޮންނަ ކަމަށެވެ.
މިއަހަރުގެ ޝިއާރު ކަމުގައިވާ "ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" މި ޝިއާރަށް އިޝާރާތްކުރައްވަމުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ޝިއާރު ރަމްޒުކޮށްދެނީ، ކޮމަންވެލްތަކީ އޭގެ މަގުސަދުތައް ހާސިލުކުރެވޭ ފަދަ އެއްބައިވަންތަކަމާއި ބައިވެރިވުން ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ ރޫހު ކަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ރާއްޖެއިން ޤައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށެވެ. އަދި އޭގެތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ ވިލުންތެރި ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުމުގެ އިތުރުން، އެކަންކަމުގެ ފައިދާ ހުރިހާ މުޖުތަމައުތަކަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ އެ ޖަމުއިއްޔާގެ ތެރެއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ. އަދި އެއީ ގައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ ގައުމަކަށްވެސް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށްޓަކައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިއަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ، ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކާއި، ވެފައިވާ އެއްބަސްވުންތައް ތާޒާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށާއި، ކޮމަންވެލްތުގެ އާއިލާއަށް ފައިދާހުރި، ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ރާއްޖެއިން އަމަލީގޮތުން ބައިވެރިވާނޭކަމަށެވެ.
މިއާއެކު މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިންގ) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.