ފެބުރުވަރީ މަހު ދައުލަތަށް 2.80 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ 0.8 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއަހަރުގެ ފެބުރުވަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.6 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. މީގެ އިތުރުން އާމްދަނީ ދަށްވުމުގެ މައިގަނޑު އަނެއް ސަބަބަކީ، ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވުމެވެ. އަދި މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، މިދިޔަ މަހު އެޑްވާންސްކޮށް ދައްކާފައިވާ ޕޭމަންޓްތައްވެސް ވަނީ އިތުރުވެފައެވެ.

މީރާއިން ބުނީ، މިދިޔަ މަހު އަންދާޒާކުރި އާމްދަނީ އަށްވުރެ 11.6 އިންސައްތަ ދަށްވި މައިގަނޑު އެއް ސަބަބަކީ ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. މީގެއިތުރުން އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބެއް ކަމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ 19.0 އިންސައްތަ އަކީ، ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އަދި އާމްދަނީގެ 16.9 އިންސައްތަ ލިބުނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34 މިލިއަން ރުފިޔާ އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާ ކުރަނީ ޖީ.އެސް.ޓީއެވެ. އެއީ، (52.3 އިންސައްތަ) ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީއިން ނަގާ ޓެކުހުންނެވެ. އެއީ (21.4 އިންސައްތަ) ނުވަތަ 599.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ (7.2 އިންސައްތަ)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ (4.8 އިންސައްތަ)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ (4.0 އިންސައްތަ) އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 196.34 މިލިއަން ރުފިޔާ (3.3 އިންސައްތަ) ލިބިފައިވެއެވެ.

މީގެއިތުރުން މިއަހަރުގެ ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވަނީ ބުނެފައެވެ.