މިމަހުގެ މިހާތަނަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން 38،836 ކޮންޓެއިނަރު ކްލިއަރ ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 އިން 8 ގެ ނިޔަލަށް އެކުންފުނިން 38،836 ކޮންޓެއިނަރު ކްލިއާކޮށްފައިވެއެވެ.

އޭގެތެރޭގައި 20 ފޫޓުގެ ކޮންޓެއިނަރާއި 40 ފޫޓުގެ ކޮންޓެއިނަރު ހިމެނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރު ކްލިއާކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގަ ކަމަށާއި އެ ދުވަހު އެކަނިވެސް 6،544 ކޮންޓެއިނަރު ކްލިއާކޮށްފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިސް، ފިޔާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން ކްލިއާ ކޮށްފައިވަނީ ބިހެވެ. އެއީ، 26،536 ކޭހެވެ.

މީގެ އިތުރުންވެސް އެމްޕީއެލްއިން އެންމެ ގިނައިން ކްލިއާކޮށްފައިވާ ބާވަތްތަކަށް ބަލާލާ އިރު، ބިސް، ކަރާ، ދޮންކެޔޮ، ފިޔާ، އަލަނާސި، އަލުވި އަދި ޓޮމާޓޯ ހިމެނެއެވެ.

ކްލިއާކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއާކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށެވެ.