ކ. ހުރާގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުރާގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މުހަންމަދު ނަޖާހު ކަމަށާއި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، ސްޓެލްކޯ ހިންގުމާއި ހަވާލުވެފައި ހުރި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ.

މިއެއްބަސްވުމާއެކު ހުރާގައި ކުރިން ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވާ ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ.އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދެމުންދާނީ ސްޓެލްކޯއިން ކަމަށެވެ.

މީގެ އިތުރުން އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުރާ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް ވިދާޅުވީ، މިއަދު ހާސިލްވެގެން ދިޔައީ ހުރާ ރައްޔިތުންގެ ވަރަށް ގިނަދުވަސްތަކެއްގެ އުއްމީދެއް ކަމަށެވެ.

އެގޮތުން ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ދެމުންދަނީ ސްޓެލްކޯއިންކަން ފާހަގަކުރައްވަމުން މިއަދު ހުރާގެ މިހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވެގެން ދިއުމަކީ ހުރާއަށް ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހަވެ، އިތުރު ކުރިއެރުމާ ތަރައްގީ ލިބިގެންދާނެ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

ސްޓެލްކޯގެ ދަށަށް ކ. ހުރާގެ ފެނާ ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތްތައް ބަދަލުވެގެން ދިއުމަކީ އެ ރަށަށް ލިބުނު ބޮޑު ކާމިޔާބީއެއް ގޮތުގަ ސިފަކުރަން".

ހުރާ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަދު މިމަސައްކަތް ސްޓެލްކޯއާ ހަވާލުވެގެން މިދިޔައީ ގިނަ މަޝްވަރާތަކެއް ކުރެވުނު ދިގު ސިލްސިލާއެއްގެ ނިމުން ކަމަށެވެ.

އަޅުގަނޑުމެންގެ ސްޓޯރީގެ ކ. ހުރާގެ ނިމުން ކަމުގައި ވިޔަސް ހުރާގެ އަޅުގަނޑު އުއްމީދުކުރަނީ އަނެއްކާވެސް އާ ބާބަކުން ހިދުމަތްތައް ރަނގަޅުކުރެވި، ރަނގަޅު ފެންވަރެއްގައި ދެވޭނެ ކަމުގެ އާ ސިލްސިލާ ބާބެއް ފެށިގެން ދާ ދުވަހެއްގެ ގޮތުގަ އަޅުގަނޑު މި ސިފަކުރަނީ."

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް

ހުރާގައިވެސް ސްޓެލްކޯއިން އެހެން ރަށްރަށުގައި ދޭ މިންގަނޑަށް ހުރާގެ މިހިދުމަތްތައް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ސްޓެލްކޯ ހިންގުމާއި ހަވާލުވެގެން ހުރި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެރަށުގަ މުހިއްމު ތަރައްޤީގެ އިތުރު މަސައްކަތްތަކެއް މި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން މިހާރުވެސް ޕްލޭން ކުރެވި، އެމަސައްކަތްތައް ރޭވުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރަށްވުރެވެސް ރަނގަޅަށް އެ މަސައްކަތް ހުރާގެ ރައްޔިތުންނަށް، ހުރާގެ ރައްޔިތުންނާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން." ސްޓެލްކޯ ހިންގުމާއި ހަވާލުވެގެން ހުރި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު

ސްޓެލްކޯ ހިންގުމާއި ހަވާލުވެގެން ހުރި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު

ގްރޭޓަރ މާލެއާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ހިދުމަތާއި، 25 ރަށެއްގައި ފެނުގެ ހިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ދަނީ ދެމުންނެވެ.